ރޭދުވާ ޓީމް

ހަމާސްއިން ދިން ހަމަލާ: އިޒްރޭލުން މަރުވި މީހުންގެ އަދަދު 200 އިން މައްޗަށް

ފަލަސްތީނުގެ ދިފާއުގައި ހަނގުރާމަކުރަމުން އަންނަ ހަމާސް ޖަމާއަތުން މިއަދު އިސްރޭލަށް ދިން ވަރުގަދަ ހަމަލާއާއިގުޅިގެން ފެށިފައިވާ ވަގުތީ ހަނގުރާމައިގާ އިޒްރޭލުން މަރުވި މީހުންގެ އަދަދު 200 އަށް އަރާފައިވާކަމުގައި އެ ގައުމުން ބުނެފިއެވެ.

އެގައުމުގެ ކަމާބެހޭ ފަރާތްތަކުން މިހެން ބުނެފައިވާއިރު ޒަހަމްވި އަދަދު އުޅެނީ ހާހުން މަތީގައި ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިޒްރޭލުން މަރުވި މީހުންގެ އަދަދު 200 އަށް އަރާފައިވާއިރު ފަލަސްތީނުން މަރުވި މީހުންގެ އަދަދުވެސް އުޅެނީ ގާތްގަނޑަކަށް 200 އެއްހާ ހިސާބުގައެވެ.

މުޅި އިޒްރޭލަށް ކުއްލި ސިހުމެއް ގެނުވި ހަމަލާ ހަމާސް ޖަމާއަތުން އިސްވެ އޮވެ ދިނީ މިއަދުގެ ވަގުތެއްގައެވެ. ފުލުފުލުގައި އެތައް ހާސް މިސައިލެއް ފޮނުވާލާ އިޒްރޭލުގެ ޑިފެންސް މެކޭނިޒަމް ފެއިލްކޮށްލި ހަމަލާއަށްފަހު ހަމާސް އާއި ފަލަސްތީނަށް ވާގިވެރިވާ ހަނގުރާމަވެރިން ވަނީ އިޒްރޭލުގެ ތެރެއަށް ވަދެގެންފައެވެ. އަދި އިޒްރޭލު ސިފައިން ހިމެނޭހެން އެތައް ބަޔަކު ރަހީނުކޮށްފައިވާކަމަށްވެސް ހަމާސް އިން ބުނެފައިވެއެވެ.

ހަމާސް އިން ބުނެފައިވާގޮތުގައި މި ހަމަލާއަކީ ތަކުރާރުކޮށް މަސްޖިދު އަލް އަގްސާއާއި މުސްލިމުންނަށް ކުރަމުންދިޔަ ފުރައްސާރައިގެ ބަދަލު ކަމަށެވެ. ޒަމާނުއްސުރެ އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް ދިން ރައްދު ކަމަށެވެ.

މި ވަރުގަދަ ހަމަލާއަށްފަހު އިޒްރޭލުން ހަނގުރާމަ އިއުލާނުކޮށް އިޒްރޭލުންވެސް ހަމަލާތައް ދެމުން އަންނައިރު އިޒްރޭލާއި ފަލަސްތީނުންވެސް އާންމުން އެ ގައުމު ދޫކޮށް ހިޖުރަކުރަން ފަށާފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ !