ރޭދުވާ ޓީމް

ސަރުކާރުގެ ގެދޮރުވެރިންގެ ޕޯޓަލް އަކީ ބޮޑު އޮޅުވާލުމެއް !

މާލޭ ރައްޔިތުންނަށް ބޯހިޔާ ވަހިކަން ފޯރުކޮށްދޭން ކަމަށް ބުނެ، ސަރުކާރުން ހުޅުވާލި ގެދޮރުވެރިންގެ ޕޯރޓަލް އަކީ ބޮޑު އޮޅުވާލުމެވެ. ޓެކްނޮލޮޖީގެ ބަހުރުވައިން ނަމަ، ޕޯރޓަލް ކިޔައި އުޅެނީ، ޑޭޓަރ ބޭސް ތަކުން މައުލޫމާތު ސިންކު ކުރެވޭ ފަދަ ގޮތަށް ޕްރޮގުރާމް ކުރެވި ތައްޔާރު ކުރެވިފައިވާ އެޕްލިކޭޝަން ތަކަށެވެ. ނަމަވެސް ގެދޮރުވެރިން ޕޯރޓަލް ކަމަށް ބުނެ، އިސްތިހާރުކޮށްގެން އެންމެންނަށް ފުރަން ޖެހުނީ ގޫގުލް ފޯރމް ފަދަ ފޯރމް އެކެވެ.

ވީ ކިހިނެތް ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދު ތަކުގެ ތެރޭގައި، ގޯތިގެދޮރު ބޭނުންވާ މީހުން ކިޔުގައި ނުޖެހި، ފޯރމް ލެވޭނެ މަގު ފަހި ކުރުމަށް، އޭރުގެ މިނިސްޓްރީ އޮފް ހައުންސިލް އެންޑް އަރބަން ޑިވަލޮޕްމަންޓްގެ ފަރާތުން “ވެހި.އީގަވް.އެމްވީ” ގެ ނަމުގައި 100 ދުވަސް ތެރޭގައި ފުރިހަމަ ނުވާ ޕޯރޓަލް އެއް ދިޔައީ ތައްޔާރު ކުރަމުންނެވެ.

ނަމަވެސް ހިތާމަޔަކީ، އޭރުގެ މިނިސްޓްރީ އޮފް ހައުސިން ގައިވެސް ހުރީ މިފަދަ މަސައްކަތް ކުރުމަށް ނެގިފައި ހުރި ހަމަ އެންމެ ކުއްޖެކެވެ. މިއީ އެންމެ ކުއްޖަކަށް ކުރެވޭ ވަރަށްވުރެ ބުރަ ބޮޑު މަސައްކަތެއްކަން އެވުޒާރާ ހިންގެވުމާއި ހަވާލުވެ ހުންނެވި ވަޒީރަށް ރޭކާލީ އަހަރު ތަކެއް ފާއިތުވެ ދިޔަ ފަހުންނެވެ. ކަން މިދެންދެވި ގޮތަށް ހުރުމުން، ހައުސިން ވުޒާރާގެ ފަރާތުން މިނިސްޓްރީ އޮފް ފިނޭޝްސް ގައި މުވައްޒަފުން ނެގުމުގެ ހުއްދަ އަކަށް އެދުނެވެ، ނަމަވެސް އެހުއްދަ ނުދީ ފިނޭންސް މިނިސްޓްރީން ވަނީ ހިފައްހައްޓާފައެވެ.

މިދެންނެވި ބީދައިން ކަންކަން ވަމުން ދިޔުމާއި ގުޅިގެން، މިނިސްޓްރީ އޮފް ހައުސިންގެ އިސްނެގުމަކަށް، އޭރުގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ޝައިންސް އެންޑް ޓެކްނޮލޮޖީގެ ދަށުން ހިނގަމުން ދިޔަ ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) ގެ ޑިވަލޮޕަރުން ބޭނުން ކޮށްގެން “ވެހި ޕޯރޓަލް” ހެދުމުގެ މަސައްކަތް ކުރުމަށް ފަހުމު ނާމާ އެއްގައި ސޮއި ކުރެވި މަސައްކަތް ފެށިގެން ދިޔައެވެ. އަދި މިކަމާއި ގުޅިގެން، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ޝައިންސް އެންޑް ޓެކްނޮލޮޖީގެ އިސްނެގުމުގެ މަތިން، ދައުލަތުގެ ހުރިހާ ކަމާއި ގުޅުން ހުރި އޮފީސްތައް އެއްތަން ކުރެވި، އެއްމޭޒެއްގެ ދޮށުގައި މަސްވަރާ ބައްދަލުވުން ތަކެއްވެސް ބޭއްވިގެން ދިޔަ ކަން ފާހަގަ ކުރަމެވެ. ނަމަވެސް ހިތާމަޔަކީ އެބައްދަލު ވުމުގައި ނިންމި ކަންކަން ތަންފީޒު ކުރުމަށް ސަރުކާރުގެ ބައެއް ވުޒާރާ ތަކުންނާއި، އިދާރާ ތަކުން ދެކޮޅު ހެދުމެވެ. އޭރު އެން.ސީ.އައި.ޓީ ގައި ތިބީ ބަރާބަރު 3 ޑިވަލޮޕަރުންކަން ދިވެހި ސަރުކާރުން ވަނީ ހަދުމަފުޅު ނެތި ކުރައްވާފައެވެ. މި ދެންނެވި 3 ޑިވަލޮޕަރުންނަކީ، ސަރުކާރުގެ އެހެން ހުރިހާ ވުޒާރާއެއް، އިދާރާ، އަދި މުއައްސަސާ ތަކުގެ އޮންލައިން ޕްލެޓްފޯރމް ތައް ތަރައްޤީކޮށް ބަލަހައްޓަމުންދާ ފަރާތް ތަކެވެ. ވީމާ، މި 3 ކުދިންގެ މަސައްކަތް ބުރަވެ އެކަން ކުރަންވީ ގޮތަށް ވަނީ ނުކުރެވިފައެވެ. އެހެން ކަމުން އަނެއްކާވެސް މިނިސްޓްރީ އޮފް ހައުސިން އިން ވެފައިވާ އެއްބަސްވުން ކެންސަލުކޮށް، އަނެއްކާވެސް މިނިސްޓްރީ އޮފް ހައުސިންގެ ފަރާތުން އެމަސައްކަތް  އެމިނިސްޓްރީގެ ބެލުމުގެ ދަށުން ކުރަން ފެއްޓެވިފައެވެ.

މިހެން މިކަން ހިނގަމުން ދަނިކޮށް، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އުވާލާ، އެމިނިސްޓްރީއަށް ދެވިފައިވާ މެންޑޭޓް މިނިސްޓްރީ އޮފް އެންވައިރަމަންޓް އާއި ހަވާލުކޮށް، އެމިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް އެންވައިރަމަންޓް، ކުލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ނަމަށް ބަދަލު ކުރެވި، ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) ވެސް، މި ދެންނެވި ވުޒާރާގެ ދަށް ބަދަލު ކުރެވިގެން ދިޔައެވެ.

އެއަށްފަހު، މިނިސްޓްރީ އޮފް އެންވައިރަމަންޓް، ކުލައިމެޓް ޗޭންޖް، އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރުގެ ކަމުގެ މަޤާމާއި ހަވާލުވީ، ކުރިން ރައީސް އޮފީހުގެ އިސް މަޤާމެއް ކުރުއްވި އާމިނަތު ޝައުނާއެވެ. އެކަމަނާގެ މޭޒް ތިރި ކަމުގެ ދަށުން 30 އަށް ވުރެ ގިނަ ކޮންޓެކްޓް މުވައްޒަފުންގެ ގޮތުގައި 30،000/- ދިވެހި ރުފިޔާގެ މުސާރައާއި އެކު ޕްރޮގުރާމާރސް (ޑިވަލޮޕަރުން) ނެގިގެން ދިޔައެވެ. ސަބަބަކީ ސިވިލް ސާރވިސްގެ މަޤާމް ތަކަށް އެވަރުގެ މުސާރައެއް ދިނުމަކީ ސިވިލް ސަރވިސް އޮނިގަނޑުގެ ދަށުން ކުރެވޭނެ ކަމަކަށް ނުވާތީއެވެ.

މި ދެންނެވި 30 ޑިވަލޮޕަރުން ނަގައިގެން ސަރުކާރުގެ އެކު އެކި އެޕްލިކޭޝަންތައް ވަކި ވަކިން ޑިވަލޮޕް ކުރެވެން ފެށުނެވެ. އޭގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އެދުމަށް ގޯތިގެދޮރު ދޫކުރުމަށް ޕޯރޓަލް އެއް ތައްޔާރު ކުރުމުގެ މަސައްކަތް ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) ގެ ފަރާތުން އަނެއްކާވެސް ފެއްޓެވިއެވެ. އަދި އެ ޕޯރޓަލް އަކީ ސަރުކާރުގެ ހުރިހާ ވިޒާރާއެއް، އިދާރާ ތަކެއް، މުވައްސަސާ ތަކެއް، ސަރުއީ ދާއިރާގެ ހުރިހާ އޮފީހެއްގައި ހުރި އެންމެހައި ދިވެހި ރައްޔިތުންގެ މައުލޫމާތު (އޭ.ޕީ.އައި) މެދުވެރިކޮށް އޮޓޯ ފީޑް ކުރެވޭ ގޮތަށް ތައްޔާރު ކުރެވިފައިވާ ޕޯރޓަލް އެކެވެ. އަދި އެޕޯރޓަލް އަކީ މީހުން ގެދޮރަށް އެދި ހުށަހެޅުމުން އަމިއްލައަށް އޭގެ ތެރެއިން މާރކްސް ދެވި ނަތީޖާތައް ހާމަ ކުރެވޭ ގޮތަށް ބައްޓަން ކޮށްފައިވާ ޕޯރޓަލް އެއްކަން ފާހަގަ ކުރަމެވެ. ނަމަވެސް މި ޕޯރޓަކް އޭގެ ފުރިހަމަ ކަންމަތީގައި ހިނގަމުން ދާނީ، ސަރުކާރުގެ އެހެނިހެން އޮފީސް ތަކުގެ ޑޭޓާބޭސްތައް ރަނގަޅަށް މި ދެންނެވި ޕޯރޓަލްއާއި، “އޭ.ޕީ.އައި” މެދުވެރިކޮށް ގުޅާލެވި، ޑޭޓާ ސިންކުރޮނައިޒް ކުރެވޭނެ މަގު ފަހިވުމުންނެވެ. ނަމަވެސް ސަރުކާރުގެ ގިނަ އޮފީސް ތަކުން ވަނީ އެމައުލޫމާތު ހާމަ ނުކުރެވޭނެ ކަމަށް ބުނެ، މައުލާތު ހިއްސާކުރަން ދެކޮޅު ހަދާފައެވެ. އެހެން ކަމުން ރައީސުލްޖުމްހޫރިއްޔާ އޮފީހުން އެދިވަޑައިގެންނެވި ތާރީހަށް މިދެންނެވި ޕޯރޓަލް ފުރިހަމަ ކުރެވޭނެ ގޮތް ވަނީ ނުވެފައެވެ. އެހެން ކަމުން ރައީސުލްޖޫމްހޫރިއްޔާގެ އޮފީހުން އެކަން ކުރުމަށް އިތުރު މަގުތައް ބަލަން ފެށިއެވެ.

މިގޮތުގެ މަތިން، ކުރިން ވިނަރެސް އެޕާރޓްމަންޓްތައް ކުއްޔަށް ދިނުމަށް ކުރީގެ ހައުސިން ޑިވަލޮޕްމަންޓް ކޯރޕަރޭޝަން އިން ތައްޔާރުކޮށްފައިވާ އޮންލައިން ފޯރމްސެޓްގެ ކޮޕީއެއް މިނިސްޓްރީ އޮފް ޕުލޭނިން، އަރބަން ޑިވަލޮޕްމަންޓް އަށް ވަނީ ހޯދާފައެވެ. އަދި އެ ފޯރމް ވަނީ މޮޑިފައިކޮށް ގެދޮރުވެރިން ޕޯރޓަލް ނަމުގައި ލޯންޗް ކޮށްފައެވެ.

ވަމުންދާ ގޮތަކީ ކޮބާ ؟

އިސްވެ ބަޔާން ކުރެވުނު ފަދައިން، ގެދޮރުވެރިން ޕޯރޓަލް ނަމުގައި އޮންލައިން ފޯރމް އެއް ވަނީ ލޯންޗު ކުރެވި، އެތައްހާސް ބަޔަކު ވަނީ އެފޯރމްތައް ފުރާފައެވެ. އެންމެންގެވެސް އުންމީދަކީ އެޕާރޓްމަންޓް އެއް ނުވަތަ ގޯޗެއް ލިބުމެވެ.

ނަމަވެސް ހިތާމަޔަކީ ރައްޔިތުމީހާގެ އަމިއްލަ ޒާތީ މައުލޫމާތު އަމިއްލައަށް ގެދޮރުވެރިންގެ ފޯރމްއަށް އަޅަން ޖެހުމެވެ. އޭގެ ތެރޭގައި ހިމެނޭ ބައިތައް ކުރުގޮތަކަށް ތިރީގައި ބަޔާން ކޮށްފައި އެވަނީ އެވެ.

(ހ) އަމިއްލަ މައިންބަފައިންގެ މައުލޫމާތު އަމިއްލައަށް އަޅަން ޖެހުން

(ށ) އަމިއްލަ ދަރިންގެ މައުލޫމާތު، އަމިއްލައަށް އަޅަން ޖެހުން

(ނ) އަނބިންގެ މައުލޫމާތު، އަމިއްލައަށް އެޅުން

(ރ) ވަރި ކައިވެނީގެ މައުލޫމާތު އަމިއްލައަށް އަޅަންޖެހުން.

(ބ) ގޯއްޗާއި ގެދޮރާއީ ބިމާއި ބެހޭ މައުލޫމާތު އަމިއްލައަށް އަޅަންޖެހުން

(ޅ) މައިންބަފައިންގެ ދަރީންގެ މައުލޫމާތު އަޅުން ޖެހުން

މަތީގައި އެވާ މައުލޫމާތު ރައްޔިތުމީހާ ވަނީ އަމިއްލައަށް ގެދޮރުވެރިންގެ އޮންލައިން ފޯރމް އަށް އަޅާފައެވެ. އެ މައުލޫމާތު އަމިއްލަ އަށް އެފޯރމް އަށް އަޅަން ޖެހުމުން ވަރަށް ގިނަ މައްސަލަތައް އާހިރުގައި ދީމާވާނެއެވެ. ސަބަބަކީ އެމައުލޫމާތު ވެރިފައި ކުރެވޭނެ ގޮތެއް ސަރުކާރުގެ އެއްވެސް ވުޒާރާއެއް ނުވަތަ އިދާރާއެއްގައި ނެތުމެވެ.

ކުރު ގޮތަކަށް ފެމިލީ ކޯޓަށް ނަޒަރެއް:

  1. ރާއްޖޭގެ ފަމިލީ ކޯޓުގައި މީގެ 40 އަހަރު ކުރީގެ ވަރި ކައިވެނީގެ މައުލޫމާތު ނެތުން
  2. ވަރިކައިވެނީގެ ސެޓްފިކެޓް ތަކުގައި ރަނގަޅު ނޫން މައުލޫމާތު ހުރުން
  3. ވަރިކައިވެނީގެ މައުލޫމާތު އަދާ ހަމަ ކޮށްފައި ނެތުން
  4. ވަރިކައިވެނީގެ މައުލޫމާތު އޮންލައިން ނިޒާމެއްގެ ތެރެއިން ބެލެހެއްޓިފައި ނެތުން، އަދި އޮންލައިން ނިޒާމެއްގެ ތެރެއިން “އޭ.ޕީ.އައި” މެދުވެރިކޮށް އެމައުލޫމާތު ސަރުކާރުގެ އެހެން ވުޒާރާތަކަށާއި، އިދާރާ ތަކަށް ހިއްސާ ކުރެވޭނެ ނިޒާމެއް ނެތުން.

ކުރު ގޮތަކަށް ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީ.އެން.އާރް) އަށް ނަޒަރެއް:

  1. ދިވެހިރާއްޖޭގެ އެންމެންގެ މައުލޫމާތު އަދާ ހަމަކޮށްފައި ނެތުން
  2. ޑީ.އެން.އާރް ގައިވާ މައުލޫމާތު، އޮންލައިން ނިޒާމެއްގެ ތެރެއިން “އޭ.ޕީ.އައި” ނިޒާމަކުން ސަރުކާރުގެ ހުރިހާ ވުޒާރާއެއް ނުވަތަ އިދާރާ އަކާއި ގުޅުވާލާފައި ނެތުން.

ކުރުގޮތަކަށް ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލް ތަކާއި، ރަށު ކައުންސިލް ތަކަށް ނަޒަރެއް:

  1. ކައުންސިލް ތަކުގައި ރައްޔިތުންނާއި ބެހޭ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި ރައްކާތެރި ކުރެވިފައި ނެތުން
  2. ކައުންސިލް ތަކުގައިވާ މައުލޫމާތު ޑިޖިޓަލައިޒް ކުރެވި، އޮންލައިން ނިޒާމެއްގެ ތެރެއިން ހިއްސާ ކުރެވިފައި ނެތުން
  3. ކައުންސިލް ތަކުގައިވާ މައުލޫމާތު އޮންލައިން ނިޒާމެއްގެ ތެރެއިން “އޭ.ޕީ.އައި” މެދުވެރި ކޮށް ހިއްސާ ކުރެވޭނެ ނިޒާމެއް ފަހި ވެފައި ނެތުން
  4. ކައުންސިލް ތަކުގައިވާ މައުލޫމާތު އާންމު ރައްޔިތުންނަށް ލިބޭނޭ ގޮތެއް ނެތުން

ކުރު ގޮތަކަށް ދިވެހިރާއްޖޭގެ ވުޒާރާ ތަކާއި އިދާރާ ތަކަށް ނަޒަރެއް:

  1. ސަރުކާރުގެ ވުޒާރާ ތަކާއި އިދާރާ ތަކުގައިވާ މައުލޫމާތު އެކަށީގެންވާ ގޮތެއގައި ރައްކާތެރި ކުރެވިފައި ނެތުން
  2. ސަރުކާރުގެ ވުޒާރާ ތަކާއި އިދާރާ ތަކުގައިވާ މައުލޫމާތު ޑިޖިޓަލައިޒް ކުރެވި، އޮންލައިން ނިޒާމެއްގެ ތެރެއިން ހިއްސާ ކުރެވިފައި ނެތުން
  3. ސަރުކާރުގެ ވުޒާރާ ތަކާއި އިދާރާ  ތަކުގައިވާ މައުލޫމާތު އޮންލައިން ނިޒާމެއްގެ ތެރެއިން “އޭ.ޕީ.އައި” މެދުވެރި ކޮށް ހިއްސާ ކުރެވޭނެ ނިޒާމެއް ފަހި ވެފައި ނެތުން
  4. ސަރުކާރުގެ ވުޒާރާ ތަކާއި އިދާރާ ތަކުގައިވާ މައުލޫމާތު އާންމު ރައްޔިތުންނަށް ލިބޭނޭ ގޮތެއް ނެތުން
  5. ސަރުކާރުގެ ކޮންމެ ވުޒާރާއެއް އަދި ކޮންމެ އިދާރާ އެއްގައިވާ މައުލޫމާތު އެ ވުޒާރާއެއް ނުވަތަ އިދާރާ އެއްގައި ފޮރުވާފައި ބެހެއްޓުމުގެ ވިސްނުން އެތަންތުގައި އާލާ ވެފައިވުން.

މަތީގައި ބަޔާން ވެފައިވާ ކަންކަން އެބީދައިން ހިނގަމުން ދިޔުމަކީ، މިރާއްޖޭގެ ތަރައްޤީ އަށް އަދި، ޑިޖިޓަލައިޒް ސަރުކާރެއް ޤާއިމު ކުރުމަށް އިންތިހާއަށް ދަތިވެގެންވާ ކަންކަން ކަމުގައި އަޅުގަނޑު ފާހަގަ ކުރަމެވެ.

އެހެން ކަމުން، ގެދޮރު ވެރިންގެ ޕޯރޓަލްތައްފަދަ، މުހިންމު ޕޯރޓަލްތައް އެކަށީގެންވާ ގޮތުގައި ޤާއިމު ނުކުރެވި، ޑިޖިޓަލް ނިޒާމުގެ ނަމުގައި، އޮޅުވާލުމެއްގެ ތެރެއިން ކަންކަން ކުރަމުން ގެންދިޔުމަކީ އިންތިހާއަށް ހިތާމަ ހުރި ކަމެއްކަމުގައި ފާހަގަ ކުރަމަވެ.

އިސްވެ ބަޔާން ކުރެވުނު ކަންކަން އެގޮތަށް ހުރެ، ރައްޔިތުންނަށް އޮޅުވާލުމުގެ ތެރެއިން، ގެދޮރުވެރިންގެ ފޯރމް ހުށަހަޅާފައިވާ ފަރާތް ތަކަށް އިންސާފުން މާރކްސް ދެވޭނެ ގޮތަކީ ނެތް ގޮތެއް ކަމުގައި އަޅުގަނޑު ތިޔަ އެންމެ ރައްޔިތުންނަށް ޔަގީން ކަން ދެމެވެ.

ވާންވީ ގޮތަކީ ކޮބާ ؟

އާދޭހެވެ ! ދިވެހިރާއްޖޭ ލާމަރުކަޒީ އުސޫލުން ހިންގުމަށް އެންމެ ބޮޑަށް ބޭނުންވާ އެކަށްޗަކީ ޑިޖިޓަލައިޒް ކުރެވިފައިވާ ދައުލަތެކެވެ. އެގޮތުގެ މަތިން މިފަދަ ގެދޮރުވެރިންގެ ޕޯރޓަލްއެއް ހަދާ ނަމަ، ދައުލަތުގެ ހުރިހާ އޮފީހެއްގައިވާ ހުރިހާ މައުލޫމާތެއް، އެ އޮފީހެއްގެ އޭޕީ.އައި މެދުވެރިކޮށް އޮންލައިން ނިޒާމެއްގެ ތެރެއިން ފެންނާނެ ގޮތަށް ފަހިވުމަކީ ކޮންމެހެންވެސް ބޭނުންތެރި ކަމެއް ކަމުގައި ފާހަގަ ކުރަމަވެ.

އަދި އޮންލައިން ޑޭޓާރބޭސް ތަކަށް ދިމާވެދާނެ މުސީބާތަކުން ސަލާމަތް ވުމަށް، ކޮންމެ އޮފީހެއްގެ ޑޭޓާބޭސް އަށް ސުޓޯރވާ ޑޭޓާ، އެން.ސީ.އައި.ޓީ ގެ ބެކަޕް ސާރވަރ ތަކުގައި އޮޓަމޭޓަޑް ޑުޕްލިކޭޓް ކޮޕީއެއް ޤާއިމު ވެގެން ދާނޭ ގޮތަކަށް އޮންލައިން ޑޭޓާބޭސް ތައް އެކުލަވާލުމަކީ ކޮންމެހެންވެސް މުހިންމު ކަމެއް ކަމުގައި ދެކެމެވެ.

އެގޮތުން ގެދޮރުވެރިންގެ ޕޯރޓަލްއަށް ހައްލު ގެނައުމަށް ތިރީގައި ބަޔާން ކުރެވިފައިވާ މައުލޫމާތު އޮޓޯ ފީޑް ވުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ.

(ހ) އަމިއްލަ މައިންބަފައިންގެ މައުލޫމާތު

(ށ) އަމިއްލަ ދަރިންގެ މައުލޫމާތު

(ނ) އަނބިންގެ މައުލޫމާތު

(ރ) ވަރި ކައިވެނީގެ މައުލޫމާތު

(ބ) ޝަރުއީ ނިޒާމުގެ ތެރެއިން އަދި ސަރުކާރުގެ ކަމާއި ގުޅޭ އެންމެހައި އިދާރާތަކުގެ ތެރެއިން ގެދޮރާއި ބިންބިމާއި ބެހޭ ގޮތުން ނިންމާފައިވާ ނިންމުންތައް ހިމެނޭ ގޮތަށް ގޯއްޗާއި ގެދޮރާއީ ބިމާއި ބެހޭ މައުލޫމާތު

(ޅ) މައިންބަފައިންގެ ދަރީންގެ މައުލޫމާތު

މިދެންނެވި މައުލޫމާތު، އޮޓޯފީޑް ކުރެވޭ ނިޒާމެއްގެ ތެރެއިން ގެދޮރުވެރިންގެ ޕޯޓަލްއިން ފެންނަން ހުންނަ ނަމަ، އިންސާވެރި ނަތީޖާ އަކަށް ވާސިލު ވުމަށް ފަސޭހަ ވާނެ ކަމުގައި އަޅުގަނޑުގެ ޒަމީރު ޤަބޫލު ކުރެއެވެ.

ހިޔާލު ފާޅުކުރައްވާ !