ރޭދުވާ ޓީމް

ޒުވާނުންގެ ވިޔަފާރި ރާއްޖޭގެ އަސްދަނޑިން ބޭރަށް ދިޔަ ނުދީ އެމް.އެމް.އޭ އިން އޮބިއަޅައިފި!

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އަކީ ދިވެހި ދައުލަތުގެ މަރުކަޒީ ބޭންކެވެ. ދިވެހި ޒުވާނުންގެ ވިސްނުމާއި ހިޔާލާއި ފިކުރު މިއަދު މިވަނީ މިރާއްޖޭގެ އަސްދަނޑި ފަހަނަ އަޅާ ބޭރަށް ނުކުމެފައެވެ. ދިވެހި ޒުވާނުން ހިތް އެދެނީ ތަން މިނަށް ހުޅުވިގެންވާ ދުނިޔެއެއްގައި ވިޔަފާރި ކުރާށެވެ. ނަމަވެސް ޒުވާނުންގެ އުންމީދުތަކުގައި ބޮޑު ތަޅު އަޅުވަނީ ދިވެހިރާއްޖޭގެ މައި މަރުކަޒީ ބޭންކް އެމް.އެމް.އޭ އިން ކަން ޔަގީން ކަށަވަރެވެ. ސަބަބުތައް ބައިވަރެވެ…

ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކުން އިންސްޓަންޓް ޕޭމަންޓް ގޭޓްވޭ (ސެންޓަރަލް ޕޭމަންޓް ގޭޓްވޭ) ހެދުމަށް ފިންލޭންޑް ގެ “ޓިއެޓޯ ލަޓްވިއަރ އެސް.އައި.އޭ” ކިޔުނު ކުންފުންޏަކަށް 28 އޮކްޓޯބަރ 2020 ވަނަ ދުވަހު އެއްބަސްވުމުގައި ސޮއިކުރެވިގެން ދިޔައެވެ. މަސައްކަތް ނިމޭނެ ކަމަށް އެމް.އެމް.އޭ އިން ލަފާ ކޮށްފައިވާ މުއްދަތަކީ އަހަރު ދުވަހެވެ. ނަމަވެސް މިއަދުގެ ނިޔަލަށް 2 އަހަރާއި 7 މަހާއި 4 ދުވަސް ހިނގި އިރުވެސް، މަސައްކަތުގެ ސުޕީޑު ފިނިހަކަ ސުޕީޑަށްވުރެ ދަށްކަން ހިތާމަޔާއި އެކު ފާހަގަ ކުރަމެވެ.

ސެންޓްރަލް ޕޭމަންޓް ގޭޓްވޭ ނިޒާމުގެ ތެރެއިން ވިޔަފާރި ކުރަން ފެށިއްޖެނަމަ، ލައިވް ޓްރާންސްސެކްޝަން ތަކާއި އެކު، ވިޔަފާރީގެ މުއާމަލާތްތައް އިތުރަށް ފަހިވެގެން ދާނެއެވެ. ނަމަވެސް ހިތާމަޔަކީ އެމް.އެމް.އޭ އިން ސެންޓްރަލް ޕޭމަންޓް ގޭޓްވޭގެ އަޕްޑޭޓެއް ނުދީ، ހިފަހައްޓަމުން ދާކަމެވެ. އަދި މީޑިޔާ ތަކުން ސުވާލު ކުރުމުން، އެމް.އެމް.އޭ ގެ ޖަވާބަކަށް ވަނީ އަދިވެސް ސެންޓްރަލް ޕޭމަންޓް ގޭޓްވޭ ޓެސްޓް ކުރަމުން ދާކަމެވެ. ޕޭމަންޓް ގޭޓްވޭގެ މިސާލަކީ ރާއްޖޭގައި ފަޑިޔާރުކަން ކުރެއްވި ބޭފުޅަކު ވިދާޅުވާ “ކަލްދޯ ބަޖޭ އާއު” ގެ މިސާލެވެ.

އެމް.އެމް.އޭ އިން ތައްޔާރު ކުރަމުންދާ ޕޭމަންޓް އޭގެ ފުރިހަމަ ގޮތުގައި އައިސްފި ނަމަ، ވިޔަފާރި ކުރާ މީހާގެ އެކައުންޓަށް ސީދާ ބޭރު ފައިސާ ވަދެގެން ދާނެއެވެ.

މިސާލު:

“ގޭގޭގައި ކުދި ގުޅަ، ނުވަތަ ކުދި ބަޖިޔާ ހަދައިގެން ޕެކެޓް ކޮށްގެން، އޮންލައިން ފިހާރައިގައި ވިއްކާ އިރު، ކަސްޓަމަރު އެއްޗެހި ގަތުމުން، ވިއްކާ މީހާގެ އެކައުންޓަށް ވަގުތުން ފައިސާ ޖަމާވެގެން ދާނެއެވެ”.

މީގެ އިތުރުން، ރަށު އުފެއްދުންތައް “ރަށުގެ އުފެއްދުންތަކާއި ވިޔަފާރިތައް ރަށުބަންދުން މިނިވަންކޮށް ޒަމާނީ ތަރައްޤީ ގެނުވައިދިނުމަށް ގޮވާލާ ޤަރާރު” ގެ ނަމުގައި 30 އޮގަސްޓް 2019 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ޤަރާރެއްވެސް ހުށަހަޅާފައެވެ. އެ ޤަރާރުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނު ތަކާއި ގަވާއިދުތަކާއި އެއްގޮތަށް ފަސޭހަކަމާއިއެކު ވިޔަފާރިތައް ބެލެހެއްޓޭނެ އޮންލައިން ނިޒާމެއް ޤާއިމުކުރުމަށް ގޮވާލައި ސަރުކާރުގެ ކަމާއިބެހޭ މުއައްސަސާތަކަށް މިކަމަށް ބޭނުންވާ އިދާރީ އޮނިގަނޑާއި ވަޞީލަތްތައް އެކުލަވާލައި، ލުއި ފަސޭހަކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބާރުއެޅުއްވުމެވެ.

ނަމަވެސް ހިތާމަޔަކީ މިއަދާއި ހަމައަށްވެސް ރާއްޖޭގައި ޑިޖިޓަލް ކަރަންސީ އާއި ބެހޭ ޤާނޫނެއް، އަދި އީ-ޓްރާންސްސެކްޝަން އާއި ބެހޭ ޤާނޫނެއް، އަދި ޑިޖިޓަލް ޕްރޮޕަޓީ އާއި ބެހޭ ޤާނޫނެއް ހެދިފައި ނެތުމެވެ.

އިސްވެ ބަޔާން ކުރެވުނު ޤާނޫނު ތަކާއި ޤަވާއިދުތައް ވުޖޫދު ވެގެން އަތުވެއްޖެ ނަމަ، މި ރާއްޖޭގައި އުފައްދާ ދިވެހި ވަންތަ ތަކެތި އިންޓަނޭޝަނަލް މާކެޓުގައި ވިއްކޭނެ މަގު ފަހިވެގެން ދާނެއެވެ. މިދެންނެވި ބީދައިން އިންޓަނޭޝަނަލް މާކެޓަށް މިތަކެތި ހުޅުވިގެން ހިނގައްޖެ ނަމަ، ރާއްޖޭގެ އެކްސްޕޯޓް މިންވަރު އިތުރުވެ، ރާއްޖޭއަށް ވަންނަ ބޭރު ފައިސާގެ އަދަދު އިތުރުވެ، ރާއްޖޭގެ އިޤްތިޞޯދު އަތުފަތު ނުޖެހޭހާ ބާރަށް ކުރިޔަށް ދާނެއެވެ.

މިފަދަ ނިޒާމުތައް ރާއްޖެއަށް ގެނުވޭނީ ވަށާޖެހޭ ޑިޖިޓަލައިޒްޑް ލާމަރުކަޒީ ނިޒާމެއް ޤާއިމު ކުރެވިގެންނެވެ. ނަމަވެސް މިއަދުގެ ސަރުކާރު ވެރިކަމަށް އަންނަން ވެގެން ޒުވާނުންނަށް ވީ އެންމެ ބޮޑު އެއް ވައުދަކީ މިފަދަ ކަންކަން ފަހި ކޮށްދީ ވަސީލަތްތައް ޤާއިމުކޮށްދޭނެ ކަމުގެ ވައުދެވެ. ނަމަވެސް ކީހާ ވައުދުތައް ފަރިއްސަށްވެ ނިމި ދިޔައީ އެވެ. ރައްޔިތުންގެ ލޮލުގައި މަކަރުވެރި ކަމުގެ އަދުން އަޅުވައި، ރައްޔިތުންނަށް ދެއްކީ އަވާމެންދުރެއްފަދަ ނަނާ ހުވަފެނެކެވެ.

ހިޔާލު ފާޅުކުރައްވާ !