އައްޑޫ ހިތަދޫގައި މީހަކު ރަހީނުކޮށް، އަނިޔާކުރި މައްސަލާގައި ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ވަނަވަރު މިއަދު އާންމުކޮށްފި އެވެ.
އެ ރަހީނުގެ މައްސަލަ ފަޅާއެރީ މިދިޔަ އަންގަރާ ދުވަހުގެ ރޭ ދަންވަރު 1:35 ހާއިރު ހިތަދޫ މައިލޯ ދަނޑު ސަރަހައްދު ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް އެ ތަނުން ބަޔަކު ނުކުމެގެން ފިލަން ދަނިކޮށް ފެނުނު ހިސާބުންނެވެ. އެކަން ފުލުހުންގެ ސަމާލުކަން އައިސް ބެލިއިރު، މީހަކު ޖޯއްޔެއްގައި ބަނދެ، އޭނާގެ ބޯ ބާލައި، އަނިޔާކޮށްފައި އޮތް ކަމަށް ފުލުހުން ބުނެ އެވެ.
އެ މައްސަލާގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކު ހިމެނޭ ގޮތަށް ފަސް މީހުން ހައްޔަރު ކުރި އެވެ.
ފުލުހުން މިއަދު ވަނީ އުމުރުން 18 އަހަރުން މަތީގެ އެ އެންމެންގެ ވަނަވަރު އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހިތަދޫ ވިޝަންޑްރީމް، ސަމާހު ތައުފީގު، 20 އާއި ހިތަދޫ ގްރޭސް، މުހައްމަދު ޔައީޝް އާޒާދު، 19 އާއި ހިތަދޫ ނޫތަރި އަޝްރަފު މުހައްމަދު، 22 އަދި އެ ރަށު މެރީގާޑަން އަލީ މާޒިން ހަސަން 20 އެވެ.
އެ މައްސަލާގައި ހިމެނޭ 18 އަހަރުން ދަށުގެ ކުއްޖާގެ މައުލޫމާތު އާންމުނުކުރީ ކުޑަކުއްޖަކަށް ވާތީ އެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ޖޯއްޔެއްގައި ބަނދެފައި އަނިޔާކުރީ 37 އަހަރުގެ މީހަކަށެވެ. އޭނާއަށް އަނިޔާކުރި މީހުން ހައްޔަރުކުރީ ވެސް ކުށުގެ ވެށިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މީހާ ރަހީނުކޮށް، އަނިޔާކުރި ސަބަބެއް ސާފެއް ނޫނެވެ. އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާތީ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.