ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކުގެ ހަރަދު ކުޑަކުރަން އިތުރު ފިޔަވަޅުތަކެއް އެޅުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފި އެވެ.
ކުންފުނިތަކަށް ޕީސީބީއިން މިއަދު ފޮނުވި ސާކިއުލާއެއްގައިވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ އަދި މާލީ ހާލަތުން އަރައިގަނެ، ދައުލަތުގެ ހަރަދުތައް ހަމަ މަގަށް އެޅުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.
އެ ސާކިއުލާގައި އަންގާފައިވަނީ ރާއްޖެއިން ބޭރަށާއި އަތޮޅު ތެރެއަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މިވަގުތަށް ހުއްޓާލުމަށެވެ. އަދި ބޭރު ގައުމުތަކަށް ކުރާ ދަތުރުތައް މަދުކޮށް، ބައިނަލްއަގްވާމީ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާ އޮންލައިންކޮށް ބައްދަލުކުރުމަށް އަންގާފައިވެ އެވެ.
ބޭރު ގައުމުތަކަށް ކޮންމެހެން ދަތުރެއް ކުރަންޖެހިއްޖެ ހާލަތެއްގައި ވެސް ބިޒްނަސް ކްލާސް ނުވަތަ ފަސްޓް ކްލާހުގައި ދަތުރު ނުކުރުމަށާއި އަދި ދަތުރުގެ ހަރަދުތައް ބޭރުގެ ފަރާތްތަކުން ދިން ނަމަވެސް ކުންފުނިން އެކަމަށް ކުރަންޖެހޭ ހަރަދުތައް ކުޑަކުރުމަށް ވަނީ އަންގައިފަ އެވެ.
ފެރީގެ ހިދުމަތް ލިބޭ ސަރަހައްދުތަކުގައި ކުރަންޖެހޭ ދަތުރުތައް ފެރީ މެދުވެރިކޮށް ކުރުމާއި އަތޮޅު ތެރެއަށް ކުރާ ދަތުރުތަކުގައި ކެއުމުގެ ހަރަދުތައް ކުޑަކުރުމަށް ވެސް އެ ސާކިއުލާގައި އަންގާފައިވެ އެވެ. އަދި ކުންފުނިތަކަށް ސީދާ ގޮތުން ފައިދާނުވާ މަހާސިންތާތަކާއި ފެއާތަކުގައި ބައިވެރިނުވާ ވެސް އަންގާފައިވެ އެވެ.
މުވައްޒަފުންގެ ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތައް:
– ކޮންމެހެން ނަގަންޖެހޭ މުވައްޒަފުން ފިޔަވައި އިތުރު މީހުން ނުނެގުން.
– ޕީސީބީން އާންމުކޮށްފައިވާ މިންގަނޑާ އެއްގޮތަށް ނޫނީ މުސާރަ އާއި އިނާޔަތްތަކަށް ބަދަލު ނުގެނައުން.
– އިތުރު ގަޑީގެ މަސައްކަތްތައް ކޮންމެހެން ކުރަން ޖެހިގެން ނޫނީ ނުކުރުން.
– ޑޮލަރުން މުސާރަ އާއި އިނާޔަތް ދިނުން ހުއްޓާލުން.
– ކޮންމެހެން ކުރަންޖެހޭ ޖެހިގެން ނޫނީ މަސައްކަތެއް އައުޓްސޯސް ނުކުރުން.
– މުވައްޒަފުން އިތުރުވާނަމަ ނުވަތަ އައިޑަލްޓައިމް ގިނަނަމަ، ޕްރޮޖެކްޓްތަކުގައި އެ މުވައްޒަފުން ބޭނުންކުރުން.
ޕީސީބީން ވަނީ ކަރަންޓުގެ ހަރަދު ކުޑަކުރުމުގެ ގޮތުން އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރެވޭނެ ނަމަ އެކަން ކުރުމާއި ކަރުދާސް ސްޓޭޝަނަރީސްއަށް ކުރާ ހަރަދު ކުޑަކޮށް މުއާމަލާތްތައް ޑިޖިޓަލް ކުރުމަށް ވެސް އަންގައިފަ އެވެ.
އިވެންޓުތަކަށް ކުރާ ހޭދަ ކުޑަ ކުރުމާ އެކު ސީއެސްއާރު އަދި ސްޕޮންސާޝިޕް ދިނުމުގައި ވެސް ޕީސީބީގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރުމަށް ސާކިއުލާގައި އަންގާފައިވެ އެވެ. އަދި ފާސްކޮށްފައިވާ އަހަރީ ބަޖެޓުގައި ހިމަނާފައިވާ ކަންކަމުގެ ތެރެއިން ވެސް ކޮންމެހެން ކުރަންޖެހޭ ކަންކަން ފިޔަވައި އިތުރު ހަރަދުތައް މިވަގުތު ނުކުރުމާއި އިސްރާފު ކުޑަކުރަން މަސައްކަތް ކުރުމަށް ވެސް އެ ސާކިއުލާގައި ވަނީ އަންގައިފަ އެވެ.