ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ދޭ ރޯދަ އިނާޔަތުގެ ފައިސާ ފިޔަވައި އިތުރު ހަދިޔާތައް ނުދިނުމަށް ޕްރައިވަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު އަންގައިފި އެވެ.
ޕީސީބީއިން މިއަދު ނެރުނު ސާކިއުލާއެއްގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތް ދިނުމުގައި އަމަލު ކުރަންވީ ގޮތް އަންގައިފަ އެވެ.
އެގޮތުން ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދިނުމަށާއި އޭގެ އިތުރުން ރޯދަ މަހާ ގުޅުވައިގެން އިތުރު ހަދިޔާތައް ނުދިނުމަށް އެ ސާކިއުލާގައި ވަނީ އަންގައިފަ އެވެ.
ސާކިއުލާގައިވާ ގޮތުން އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭން ޖެހޭނީ އެ މީހެއްގެ އަސާސީ ވަޒީފާ އޮންނަ ކުންފުންޏަކުންނެވެ.
ރޯދަ މަސް ފެށޭއިރު ނޯ ޕޭ ލީވް އާއި ޕޭ ލީވްގައި ތިބި ސްކޮލަޝިޕް މުވައްޒަފުންނަށް އިނާޔަތް ދޭން ނުޖެހޭނެ ކަމަށާއި ނަމަވެސް ރޯދަ މަސް ތެރޭގައި ވަޒީފާއާ އަލުން ގުޅިއްޖެނަމަ، އެ ދުވަހަކުން ފެށިގެން ރޯދަ އިނާޔަތަށް ޖެހޭ މިންވަރަށް ދޭން ޖެހޭނެ ކަމަށް އެ ސާކިއުލާގައިވެ އެވެ.
ދައުލަތުގެ މުވައްޒަފުންނަށް މިއަހަރުގެ ރޯދަ މަހުގެ އިނާޔަތް މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ދޭން ފިނޭންސް މިނިސްޓްރީން ދާދިފަހުން ވަނީ އަންގައިފަ އެވެ. ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރޯދަ މަަސް ފެށޭނީ މާޗް މަހުގެ ފުރަތަމަ ދުވަހު އެވެ.