މި ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީއެފްޒެޑް) ގެ ސީއީއޯގެ މަގާމަށް އައްޔަންކުރައްވައިފި އެވެ.
“މިހާރު”އަށް އެނގިފައިވާ ގޮތުގައި، ޝަފީގު އެ މަގާމަށް އައްޔަނުކުރެއްވީ މިދިޔަ މަހުގެ 27 ގަ އެވެ.
އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯނަކީ މި ސަރުކާރުން އުފެއްދި ކުންފުންޏެކެވެ. އެއީ، ރާއްޖޭގެ އިގުތިސާދީ ރައްކާތެރިކަން ކަށަވަރު ކުރުމާއި ވެލިއު އެޑްކުރުމާއި ޓްރާންޝިޕްމަންޓް އާއި ރީ-އެކްސްޕޯޓް ވިޔަފާރިއަށް ހާއްސަކޮށް އުފެއްދި ކުންފުންޏެކެވެ.
ޝަފީގު މިހާރު މަސައްކަތް ކުރައްވަނީ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ޑިރެކްޓަރުންގެ ބޯޑުގަ އެވެ. އެޗްޑީއެފްސީގެ ބޯޑަށް އޭނާ އައްޔަން ކުރެއްވީ ފިނޭންސް މިނިސްޓަރުކަމުން އިސްތިއުފާދެއްވިތާ ތިން ވަރަކަށް މަސް ދުވަސް ފަހުންނެވެ.
ޝަފީގު ވަނީ ކުރިން އެޗްޑީއެފްސީގެ ޗީފް ފައިނޭންޝިއަލް އޮފިސަރު (ސީއެފްއޯ)ގެ މަގާމު ވެސް 2021 އިން 2023 އަށް އަދާކުރައްވައިފަ އެވެ. އޭގެ ކުރިން ވެސް އެ ކުންފުނީގެ ސީނިއާ މަގާމުތައް އަދާކުރެއްވި އެވެ.
ޝަފީގަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ގެނައި ބަދަލުތަކަކާ އެކު، ފިނޭންސް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ބޭފުޅެކެވެ.